navLogo

ތާރީޚީ ކާމިޔާބީއެއް: ރާއްޖޭގައި ތިބި ޙާފިޒުންގެ ޢަދަދު 291އަށް

ތާރީޚީ ކާމިޔާބީއެއް: ރާއްޖޭގައި ތިބި ޙާފިޒުންގެ ޢަދަދު 291އަށް
ޕޮޓޯ: ޕީއެސްއެމް ނިއުސް
މަރިޔަމް

ސަރުކާރުން ޙާފިޒުން ތަމްރީންކުރުމަށް ކުރަމުންދާ ޚާއްސަ މަސައްކަތްތަކާއެކު، ރާއްޖޭގައި މިވަގުތު ތިބި ޙާފިޒުންގެ ޢަދަދު 291 އަށް އަރާފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މިއީ ރާއްޖޭގެ އިސްލާމީ ތާރީޚުގައިވެސް ފާހަގަކުރެވޭ ފަދަ ބޮޑު ކުރިއެރުމެކެވެ. ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މިހާރު މަސައްކަތްތައް ހުރި ގޮތުން ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން ރާއްޖޭގައި ތިބި ޙާފިޒުންގެ ޢަދަދު 300 އަށް އަރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ކީރިތި ޤުރުއާނަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވާ ކަމެކެވެ. މިގޮތުން ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދައުލަތުން ދޭ އެލަވަންސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެގުނައަށް ބޮޑުކޮށްދެއްވާފައެވެ. މީގެ އިތުރުން، ޙާފިޒުން ދަސްވެނިވުމަށް ޚާއްސަ ޙަފްލާތަކެއް ބޭއްވުމަށް ނިންމަވައި، އެކަން މިހާރު ވަނީ އަމަލީ ގޮތުން ފައްޓަވާފައެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ 27 ވިލޭރޭ ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައި އަލަށް ދަސްވެނިވި 30 ޙާފިޒުންނަށް ތާޖު އެރުވުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުގެ އަމާޒަކީ މި ހިނގާ 5 އަހަރުގެ ދައުރުގެ ތެރޭގައި ރާއްޖޭގައި ތިބި ޙާފިޒުންގެ ޢަދަދު 500 އަށް އިތުރުކުރުމެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިވަގުތުވެސް މާލެއާއި އަތޮޅުތަކުގައި 1500 އަށްވުރެ ގިނަ ކުދިންނާއި މީހުން ދަނީ ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލް ދެއްވަން ފެއްޓެވީ 2014 ވަނަ އަހަރުގައެވެ. އޭރު އެ މެޑަލް ދެއްވަމުން ގެންދެވީ ހަމައެކަނި އެއްވަނަ ދަރަޖައިގައި ފާސްވާ ޙާފިޒުންނަށް ނަމަވެސް، މިހާރުގެ ސަރުކާރުން ވަނީ ޙާފިޒުކަމުގެ ސަނަދު ހާސިލްކުރާ ހުރިހާ ފަރާތްތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ދެއްވާ ގޮތަށް ހަމަޖައްސަވާފައެވެ. އަދި މީގެ އިތުރުން، ޙާފިޒުންނަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުގެ ޚަރަދުގައި ޢުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތުވެސް މިހާރު ދަނީ ފޯރުކޮށްދެމުންނެވެ.

Rate this article

Leave a Comment

Comments (0)