
މާލޭގެ ގަލޮޅު ސައިރެކްސް ކޮލެޖް ކައިރީގައި ހުރި، ހަދަމުންދާ އިމާރާތެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފުން ވިދާޅުވީ، އަލިފާން ރޯވެފައިވަނީ ގަލޮޅު ސައިރެކްސް ކޮލެޖް ކައިރީގައި ހުރި ހަދަމުންދާ އިމާރާތެއްގައި ކަމަށެވެ. މި ހާދިސާގެ ރިޕޯޓް މިރޭ 23:22 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.
އެމްއެންޑީއެފުން އިތުރަށް ވިދާޅުވި ގޮތުގައި، ފަޔަރފައިޓަރުން ކުރި މަސައްކަތުން އިމާރާތުގައި ރޯވެފައި ހުރި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ 23:56 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ. އެ ސަރަހައްދުގައި މިހާރު ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.