
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ "ޓެކްނޮލޮޖީ ސޮލިއުޝަންސް ޕްރޮވައިޑާސް" ގެ ގޮތުގައި މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް އެ ކުންފުނިން އިޢުލާނުކޮށްފިއެވެ.
"ޓެކްނޮލޮޖީ ސޮލިއުޝަންސް ޕްރޮވައިޑާސް" އަކީ ވިޔަފާރިތަކަށް ކުރިމަތިވާ އެކި ކަހަލަ ގޮންޖެހުންތަކަށް ފަންނީ ހައްލު ހޯދައިދީ، އީޖާދީ އުފެއްދުންތައް މެދުވެރިކޮށް މަސައްކަތްތައް ހަރުދަނާކުރުމަށް އެހީތެރިވެދޭ ކުންފުނިތަކެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ކްލައުޑް ކޮމްޕިއުޓިން، ސައިބަރ ސެކިއުރިޓީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، ސޮފްޓްވެއަރ ޑިވެލޮޕްމަންޓް އަދި ނެޓްވޯކް އިންފްރާސްޓްރަކްޗަރ ފަދަ ދާއިރާތައް ހިމެނެއެވެ.
އެމްއޭސީއެލްއިން ކުރި އިޢުލާނުގައި ވާގޮތުން، މި މަސައްކަތަށް ހޮވޭ ފަރާތްތަކުން އަމަލުކުރަން ޖެހޭނީ އެ ކުންފުނިން އަންގާ ގޮތެއްގެ މަތިންނެވެ. މީގެ ތެރޭގައި ޓެކްނޮލޮޖީއާ ގުޅުންހުރި އެކި ޚިދުމަތްތައް ފަރުމާކުރުމާއި، ބިނާކުރުމުގެ އިތުރުން އެ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދީ ބެލެހެއްޓުން ހިމެނެއެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވުން ހިމެނެއެވެ. މީގެ އިތުރުން، އެ މަސައްކަތެއް ކުރާ ޓީމުގައި މަދުވެގެން 5 ދިވެހިން ހިމެނެންވާނެ ކަމަށްވެސް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.
މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ޝައުޤުވެރިކަން ފާޅުކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. ޝައުޤުވެރިކަން ފާޅުކުރާއިރު އެ ފަރާތެއްގެ ފުރިހަމަ ނަމާއި، އެޑްރެސް، އީމެއިލް، ގުޅޭނެ ނަންބަރު އަދި ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް ހުށަހަޅަންޖެހެއެވެ.
އެމްއޭސީއެލްއިން އިތުރަށް ހާމަކުރި ގޮތުގައި، ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް، ކުންފުނިން ބޭނުންވާ ހާލަތްތަކުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން މަސައްކަތްތައް ހަވާލުކުރަމުންދާނެއެވެ.