
ރާއްޖޭގެ ބޮޑު ސަރަޙައްދެއްގައި ދުރު ފެންނަ މިންވަރު ދަށްވެ، އާންމު ސިއްޙަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެފައިވާތީ އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން (މެޓް އޮފީސް) މިއަދު އިލްތިމާސްކުރައްވައިފިއެވެ.
މެޓް އޮފީހުން ހާމަކުރެއްވި ގޮތުގައި، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދުތަކުގައި މިއަދު ވައި ނުސާފުވެފައިވަނީ ސިއްޙަތަށް ނުރައްކާވާ މިންވަރަށެވެ. އެގޮތުން ރާއްޖޭގެ ސަރަޙައްދުގެ ވައިގެ ނުސާފުކަން މިހާރު ހުރީ "ރެޑް އެލާޓް" މިންގަނޑަށް އަރާފައެވެ. ކުރިއަށް އޮތް 6 ގަޑިއިރު ތެރޭގައިވެސް ވައިގެ ނުސާފުކަން ހުންނާނީ ނުރައްކާތެރި މިންވަރެއްގައި ކަމަށް ލަފާކުރެވޭތީ، ސިއްޙީ އެއްވެސް މައްސަލައެއް ނެތް މީހުންވެސް މިކަމަށް ސަމާލުކަން ދިނުމަށް އެ އިދާރާއިން ވަނީ އެދިވަޑައިގެންފައެވެ.
ވައިގެ ކޮލިޓީ ބަލަހައްޓާ ސިސްޓަމްތަކުން ދައްކާގޮތުގައި، ވިލިމާލޭގައި ހުންނަ ސިސްޓަމުން މާލެ ސަރަޙައްދުގެ ވައިގެ ނުސާފުކަން ހުރީ 193 ގައެވެ. އަދި ދ. ކުޑަހުވަދޫގައި ހުންނަ މޮނީޓަރިންގ ސިސްޓަމުން ދައްކާގޮތުގައި އެ ސަރަޙައްދުގެ ވައިގެ ކޮލިޓީ ހުރީ 162 ގައެވެ.
މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ވައި ނުސާފުވެ، ދުރު ފެންނަ ނިސްބަތް ދަށްވެފައިވަނީ މިދުވަސްވަރަކީ އިރުވައި މޫސުން ކަމަށްވާތީ، ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމުގެ ސަބަބުން ކަމަށެވެ. މިއީ ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމުގައި ރާއްޖެއަށް ކުރިމަތިވާ މައްސަލައެކެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާ ގޮތުގައި، ދުރު ފެންނަ މިންވަރު ރަނގަޅުވާން ފަށާނީ އަންނަ ހޮނިހިރު ދުވަހުގެ ފަހުންނެވެ. އެހެންކަމުން، ބޭރަށް ނުކުމެ އުޅޭއިރު މާސްކު އެޅުމަށާއި، ވައި ނުސާފުވުމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްޙީ މައްސަލަތަކަށް ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.