
ސްކޫލް ބަންދާ ދިމާކޮށް ކުލަބު ވެލެންސިއާ އެކެޑަމީގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ސޮކާ ކޭމްޕް" އަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން އެ ކުލަބުން ހާމަކޮށްފިއެވެ.
މި މަހުގެ 4 އިން 6 އަށް ހުޅުމާލޭގައި ކުރިއަށްގެންދާ މި ކޭމްޕަކީ 60 ވަރަކަށް ކުދިންނާއެކު ފެށި ކޭމްޕެކެވެ. ވެލެންސިއާ އެކެޑަމީން ބުނި ގޮތުގައި މިފަދަ ކޭމްޕެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ސްކޫލު ބަންދާ ދިމާކޮށް އެކެޑަމީތަކުގެ ގަވާއިދުން ބާއްވާ ތަމްރީނުތައް މަޑުޖައްސާލާފައިވާ ވަގުތެއްގައި، ފުޓުބޯޅަ ކުޅެން ބޭނުންވާ ކުދިންނަށް ބަންދު ތެރޭގައިވެސް އެ ފުރުސަތު ފަހިކޮށްދިނުމެވެ.
މި ކޭމްޕު ކުރިއަށްދަނީ ހަމައެކަނި ފުޓުބޯޅައިގެ ތަމްރީނުތަކަށް އެކަނި ބަލައިގެންނެއް ނޫނެވެ. ކުދިންގެ ހުނަރު ތަރައްގީކުރުމަށް ތަފާތު އެކި ހަރަކާތްތައް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި މޫދުގައި ހިންގާ ހަރަކާތްތަކާއި، ޓްރެކްގައި ކުރިއަށްގެންދާ ހަރަކާތްތައް ހިމެނެއެވެ.
މި ކޭމްޕުގެ ހަރަކާތްތައް މުއްސަނދިވެގެންދަނީ ރާއްޖޭގެ ފުޓުބޯޅައިގެ ތަޖުރިބާކާރު ކޯޗުންގެ އިރުޝާދުގެ ދަށުންނެވެ. އެގޮތުން ފަސްޓް ޑިވިޝަނުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އަދި ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ފަދަ ފުންނާބު އުސް ކޯޗުން ކުދިންނަށް އިރުޝާދު ދީފައިވާކަން ވެލެންސިއާއިން ފާހަގަކުރެއެވެ.
ވެލެންސިއާ އެކެޑަމީން މައުލޫމާތު ދިން ގޮތުގައި، މި ކޭމްޕުގައި ބައިވެރިވުމަށް ވަރަށް ގިނަ އަދަދެއްގެ ކުދިން އެދިފައިވެއެވެ. ނަމަވެސް ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން މިފަހަރު ފުރުސަތު ދެވުނީ އެންމެ ފުރަތަމަ ކުރިމަތިލީ 60 ވަރަކަށް ކުދިންނަށެވެ.
"މިފަދަ ކޭމްޕުތަކުގެ ސަބަބުން ހުނަރުވެރި ކުޅުންތެރިން ފާހަގަކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދޭ. އަދި ކުދިންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ކުޅިވަރުގެ ރޫހު އާލާވޭ،" ވެލެންސިއާ އެކެޑަމީން ބުންޏެވެ.
ކުލަބު ވެލެންސިއާއިން އިތުރަށް ބުނީ މިފަހަރުގެ ކޭމްޕަށް ލިބުނު ބޮޑު ތަރުހީބަށް ބަލައި، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ތަފާތު ހަރަކާތްތަކާއެކު ކޭމްޕުތައް ކުރިއަށް ގެންދިއުމަށް ވިސްނާފައިވާ ކަމަށެވެ.