
ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަގުހުރި އިނާމުތަކެއް ލިބޭ ޚާއްޞަ ޕްރޮމޯޝަނެއް ކަމަށްވާ 'ރަން ފުރުޞަތު 2026' މިއަދު އިފްތިތާޙްކޮށްފިއެވެ.
މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އަންނަ މާރޗް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ، ބީއެމްއެލްގެ ކަސްޓަމަރުންނަށް ރޯދަ މަހުގެ ވިޔަފާރިތަކާއެކު ބޮޑެތި އިނާމުތަކެއް ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ފެށި ޕްރޮމޯޝަނެކެވެ. މި މުއްދަތުގެ ތެރޭގައި ޕްރޮމޯޝަނުގައި ބައިވެރިވާ ފިހާރަތަކުން ވިޔަފާރިކުރާ ފަރާތްތަކަށް ކޮންމެ ހަފްތާއަކު ހޮވޭ އިނާމުތަކުގެ އިތުރުން، ޕްރޮމޯޝަން ނިމުމުން ހޮވާ ބޮޑު އިނާމު ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ބީއެމްއެލްއިން މަޢުލޫމާތު ދޭ ގޮތުގައި، މި ޕްރޮމޯޝަނުގައި ބައިވެރި ކުރެވޭނީ ބޭންކުގެ އިލެކްޓްރޯނިކް ވަޞީލަތްތައް ބޭނުންކޮށްގެން ކުރާ މުއާމަލާތްތަކެވެ. މީގެ ތެރޭގައި ބީއެމްއެލް ކާޑު މެޝިން (POS)، ސްޓެޓިކް ކިއުއާރު (Static QR) ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުރާ މުއާމަލާތްތައް ހިމެނެއެވެ.
ކޮންމެ ހަފްތާއަކު ކުރިއަށްދާ ގުރުއަތުލުމުގައި، ޕްރޮމޯޝަނުގައި ބައިވެރިވާ ފިހާރަތަކުން ހަފްތާއަކު މަދުވެގެން 500 ރުފިޔާގެ ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން 5 ނަސީބުވެރިއަކު ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ހޮވޭ ކޮންމެ ނަސީބުވެރިއަކަށް 2,000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެއެވެ.
މި ޕްރޮމޯޝަނުގެ އެންމެ ޚާއްޞަ އިނާމަކީ ޕްރޮމޯޝަން ނިމުމުން ހޮވޭ ނަސީބުވެރިޔާއަށް ދިނުމަށް ހަމަޖެހިފައިވާ 100,000 ރުފިޔާގެ ގިފްޓް ކާޑެވެ. މި ބޮޑު އިނާމުގެ ގުރުއަތުގައި ބައިވެރިވެވޭނީ ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ޖުމްލަ 10,000 ރުފިޔާއަށްވުރެ ގިނައިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.
ބީއެމްއެލްއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރޯދަ މަސް ފަދަ ޚާއްޞަ މުނާސަބަތުތަކާ ގުޅުވައިގެން ކަސްޓަމަރުންނަށް ފައިދާހުރި އަދި ޝައުގުވެރި ޕްރޮމޯޝަންތައް ކުރިއަށް ގެންދިއުމަށެވެ. މި ޕްރޮމޯޝަނުގެ ސަބަބުން ޑިޖިޓަލް ޕޭމަންޓްތަކަށް އިތުރު ހިތްވަރެއް ލިބި، ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.