navLogo

އެޗްއާރުސީއެމްގެ ރައީސަކަށް ޑރ.ރަމީލާގެ ނަން، ދިރާސާކުރަން ކޮމިޓީއަށް

އެޗްއާރުސީއެމްގެ ރައީސަކަށް ޑރ.ރަމީލާގެ ނަން، ދިރާސާކުރަން ކޮމިޓީއަށް
ޕޮޓޯ: ޕީއެސްއެމް ނިއުސް
މަރިޔަމް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ރައީސްގެ މަޤާމަށް ކުރީގެ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މި ހުށަހެޅުއްވުމާ ގުޅިގެން، އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް މިއަދު ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުވާފައެވެ. އެޗްއާރުސީއެމްގެ ޤާނޫނު ބުނާގޮތުން، އެ ކޮމިޝަނަށް ރައީސަކު އައްޔަންކުރައްވާނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

އެޗްއާރުސީއެމްގެ ރައީސްގެ މަޤާމު ހުސްވީ، އެ މަޤާމުގައި ކުރިން ހުންނެވި މަރިޔަމް މުނާގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

ޑރ. ޢާއިޝަތު ރަމީލާއަކީ މިހާރުވެސް އެ ކޮމިޝަންގެ މެންބަރެކެވެ. އޭނާ އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރުމަށް މަޖިލީހުން ފާސްކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އަދި މަޤާމުގެ ފަތްކޮޅު އެރުވީ މިދިޔަ ޑިސެންބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

ޑރ. ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރެވެ. ނަމަވެސް، ޞިއްޙީ ޙާލުކޮޅު ހުރިގޮތުން 1 ޑިސެންބަރު 2024 ގައި އެކަމަނާ ވަނީ ވަޒީރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

ޖުމްލަ 5 މެންބަރުންގެ މައްޗަށް އެކުލެވޭ އެޗްއާރުސީއެމްގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދާއި، މެންބަރު ސަމާޢު އަޙުމަދު ނަޖީބާއި، އިސްމާއިލް ޙަބީބާއި އަޙްމަދު މަޤުސޫމް އަދި ޑރ. ޢާއިޝަތު ރަމީލާއެވެ.

މަޖިލީހުގެ ކޮމިޓީން ޑރ. ރަމީލާގެ ނަން ދިރާސާކޮށް ނިންމުމުން، އެ ނަން ފާސްކުރުމަށް އަލުން މަޖިލީހުގެ ތަޅުމަށް ހުށަހެޅޭނެއެވެ.

Rate this article

Leave a Comment

Comments (0)