-1768164395137.webp)
ބައިނަލްއަޤްވާމީ ނިޒާމުގެ ތެރެއިން ކުދި ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަކީ އިންތިހާއަށް މުހިންމު ކަމެއް ކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ، ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިސްރާއީލުން ނިންމި ނިންމުމާ ގުޅިގެން މަޝްވަރާކުރުމަށް ސައުދީ އަރަބިއްޔާގެ ޖިއްދާގައި މިއަދު ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ޚާރިޖީ ވަޒީރުންގެ 22 ވަނަ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުމުގައި ތަޤްރީރު ކުރައްވަމުން ޑރ. ޚަލީލް ވިދާޅުވީ، އިސްރާއީލުގެ މި ނިންމުމަކީ ސޯމާލިއާގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަންލިބޭ، ބައިނަލްއަޤްވާމީ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށެވެ. އަދި އިސްރާއީލުގެ މިފަދަ ނިންމުންތަކާމެދު ދިވެހި ސަރުކާރުން ނުހަނު ކަންބޮޑުވާކަން ފާހަގަކުރައްވައި، މިއީ އދ. ގެ ޗާޓަރާވެސް ފުށުއަރާ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، މެދުއިރުމަތީގެ މަސްރަޙަށް އަލިއަޅުއްވާލައްވަމުން ޚާރިޖީ ވަޒީރު ވިދާޅުވީ، ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ބައިނަލްއަޤްވާމީ ޤާނޫނަށް އެ ޤައުމުން އިޙްތިރާމް ނުކުރާކަމީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ޚާއްސަކޮށް ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ގޮވާލަމުންދާ ވަގުތެއްގައި، އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވަމުންދާތީ އެކަން ވަޒީރު ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަޤްވާމީ ޤާނޫނީ ނިޒާމު ބަލިކަށިވުމަކީ ދިވެހިރާއްޖެ ފަދަ ބައިނަލްއަޤްވާމީ އުސޫލުތަކަށް ބަރޯސާވާ ކުދި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެކެވެ.
އޯ.އައި.ސީ އަކީ 57 ޤައުމުގެ މައްޗަށް އެކުލެވިގެންވާ، މުސްލިމު އުއްމަތަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށާއި ފަލަސްތީނުގެ ހައްޤުގައި ވަކާލާތުކުރާ އެންމެ ބޮޑު ޖަމުޢިއްޔާއެވެ. ދިވެހިރާއްޖެއިން 1976 ވަނަ އަހަރު މި ޖަމުޢިއްޔާގެ މެމްބަރަކަށް ވީީއްސުރެ، ރާއްޖެއިން ދަނީ މި ޖަމުޢިއްޔާގެ ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރަމުންނެވެ.