navLogo

ކައުންސިލް އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 294,937 މީހުންނަށް

ކައުންސިލް އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 294,937 މީހުންނަށް
ޕޮޓޯ: ރެދަން އޮންލައިން
މަރިޔަމް

އަންނަ އޭޕްރިލް މަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ. މީގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.

ކޮމިޝަނުން މިހާރު ވަނީ ވޯޓަރުންގެ ލިސްޓު އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ލިސްޓު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި، ސަރުކާރުގެ ގެޒެޓުގެ އިތުރުން މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލް އިދާރާތަކުން ފެންނަން ހުންނާނެއެވެ. އަދި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ބަލަން ބޭނުންވާ ފަރާތްތަކަށް 1414 އަށް 'VR (space) IDNO' ޖެއްސެވުމަށްފަހު އެސްއެމްއެސް ކޮށްގެންވެސް މައުލޫމާތު ސާފުކުރެވޭނެއެވެ.

ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ، މި މަހުގެ 18 ވާ އާދީއްތަ ދުވަހުގެ މެންދުރު 3:00 ގެ ކުރިން ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ. ލިސްޓަށް މީހަކު އިތުރުކުރުން ނުވަތަ އުނިކުރުން ފަދަ ކަންކަމުގައި ޝަކުވާ ހުށަހަޅާއިރު، އެކަމުގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއް ހުށަހަޅަންޖެހެއެވެ. ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅަންޖެހޭނީ އެ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ 'ސިމެދަ' ޕޯޓަލް މެދުވެރިކޮށެވެ.

މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި 133 ރަށަކުން 3 ކައުންސިލަރުން އަދި 46 ރަށަކުން 5 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. ސިޓީ ކައުންސިލްތަކަށް ބަލާއިރު، މާލެ ސިޓީއަށް މޭޔަރާއެކު 18 ކައުންސިލަރުން، އައްޑޫ ސިޓީއަށް 11، ފުވައްމުލައް ސިޓީއަށް 9، އަދި ކުޅުދުއްފުށި ސިޓީއާއި ތިނަދޫ ސިޓީއަށް 7 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރާނީ އެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލަށް އިންތިޚާބު ކުރާ އަދަދާ އެއްވަރަށެވެ. މި އިންތިޚާބަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ބޭއްވޭ މުހިންމު އިންތިޚާބެކެވެ.

Rate this article

Leave a Comment

Comments (0)