navLogo

މި އަހަރު ނިމޭއިރު ރިޒާވް 904 މިލިޔަން ޑޮލަރަށް އަރާނެ

މި އަހަރު ނިމޭއިރު ރިޒާވް 904 މިލިޔަން ޑޮލަރަށް އަރާނެ
ޕޮޓޯ: ޝޯސަލް މީޑިޔާ
މަރިޔަމް

މިއަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 904 މިލިޔަން ޑޮލަރަށް އަރާނެ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ލަފާކޮށްފިއެވެ. މިއީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއި މަރުކަޒީ ބޭންކުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެއް ކަމަށް އެ ބޭންކުން ފާހަގަކުރެއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރި 674 މިލިޔަން ޑޮލަރާ އަޅާބަލާއިރު މިއީ ބޮޑު ކުރިއެރުމެކެވެ. އަދި 2025 ވަނަ އަހަރު ނިމޭއިރު ރިޒާވް 849 މިލިޔަން ޑޮލަރުގައި ހުންނާނެ ކަމަށްވެސް އެ ބޭންކުން ވަނީ އަންދާޒާކޮށްފައެވެ.

ރިޒާވް މިހާ ބޮޑަށް ރަނގަޅުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ބޭންކުތަކަށް ޑޮލަރު މާރުކުރާ މިންވަރު އިތުރުވުމާއި، ކަރަންސީ ސްވޮޕް ފެސިލިޓީގެ އެހީތެރިކަން ހިމެނެއެވެ. މީގެ އިތުރުން، ބޭރު ފައިސާއާ ބެހޭ އައު ގަވާއިދުތަކުގެ ސަބަބުންނާއި، މީރާއަށް ޑޮލަރުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން މީގައި ބޮޑު ދައުރެއް އަދާކުރިއެވެ.

މިއަހަރުގެ އޭޕްރީލް މަހު ދައްކަންޖެހޭ ސުކޫކަށް ބޭނުންވާ ފައިސާ ހޯދުމަށް ރީފައިނޭންސް ކުރުމަށް ނިންމާފައިވާ ނިންމުމާއެކު، ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެއަށް ވަންނަ ޑޮލަރުގެ މިންވަރު އިތުރުވާނެ ކަމަށްވެސް އެމްއެމްއޭއިން ލަފާކުރެއެވެ.

އިގްތިސާދީ ކުރިއެރުމަށް ބަލާއިރު، ވޭތުވެދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު 5.4 އިންސައްތައިގައި ކުރިއަރާފައިވަނީ ޓޫރިޒަމާއި، ދަތުރުފަތުރާއި މުއާސަލާތީ ޚިދުމަތްތައް ފުޅާވުމުންނެވެ. އަންނަ އަހަރު އިގްތިސާދު ކުރިއަރާނެ ކަމަށް ބެލެވެނީ 4.8 އިންސައްތައާއި 5.3 އިންސައްތައާ ދެމެދުގެ މިންވަރަކަށެވެ.

ނަމަވެސް، ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތުމުން ބޭރުގެ އިގްތިސާދީ ނިންމުންތަކާއި، ޔޫއެސް ޓްރޭޑް ޕޮލިސީއަށް އަންނަ ބަދަލުތަކުގެ އަސަރު އިންވެސްޓްމެންޓްތަކަށް ކޮށްފާނެ ކަމުގެ އިންޒާރު އެމްއެމްއޭއިން ވަނީ ދީފައެވެ. އަދި ދައުލަތުގެ ފިސްކަލް ހާލަތު އެދެވޭ ގޮތެއްގައި ރަނގަޅު ނުވެއްޖެނަމަ މާލީ ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށްވެސް އެ ބޭންކުން ފާހަގަކުރެއެވެ.

ސަރުކާރުން އަޅަމުންދާ އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކާއެކު، ރާއްޖޭގެ ރިޒާވް ވަރުގަދަވެ މާލީ ހާލަތު ރަނގަޅުވަމުންދާކަން ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިން އެޖެންސީ، މޫޑީސްއިންވެސް ވަނީ ފާހަގަކޮށްފައެވެ.

Rate this article

Leave a Comment

Comments (0)