
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކްތައް ހުއްޓުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ 'އޮޕަރޭޝަން އަލިމަގު' ގެ ދަށުން މާލޭ ސަރަހައްދާއި ގއ. އަތޮޅުގައި ޚާއްޞަ ހަރަކާތްތަކެއް މިއަދު ހެނދުނު ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރެއްވި ގޮތުގައި، މިއަދު ހެނދުނު ފެށި މި އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކެކެވެ. މި އޮޕަރޭޝަންގެ މަޤްސަދަކީ މިފަދަ ނެޓްވޯކްތައް ހުއްޓުވައި، ގާނޫނީ ފިޔަވަޅުތައް އެޅުމެވެ.
މި އޮޕަރޭޝަންގެ ތެރެއިން ތުހުމަތުކުރެވޭ ފަރާތްތަކާއި ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއްގެ އަމަލީ މަސައްކަތްތައް ކުރިއަށްދާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މުހިންމު މަސައްކަތް ކުރިއަށްގެންދަނީ ސައުތު ޕޮލިސްގެ ޚާއްސަ ޓީމްތަކާއި، ފުލުހުންގެ އިންޓެލިޖެންސާއި، ޑްރަގް އެންފޯސްމެންޓް ޓީމުތައް ގުޅިގެންނެވެ.
'އޮޕަރޭޝަން އަލިމަގު' އަކީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން މިހާތަނަށް ރާއްޖޭގެ 39 ރަށެއްގައި ހިންގާފައިވާކަން ފާހަގަކުރެވެއެވެ. މަސްތުވާތަކެތި އަތުލައިގަނެ، މި ނުރައްކަލުން ގައުމު ސަލާމަތްކުރުމަށް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތަކާއި ތަންފީޒީ އިދާރާތައް ގުޅިގެން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި އަތުލައިގަންނަ ތަކެތީގެ އަދަދު އިތުރުވަމުންދާއިރު، ކޯޓު މަރުޙަލާގައި ފިޔަވަޅު އެޅުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަން ފުލުހުން ފާހަގަކުރެއެވެ. މި ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށްޓަކައި ކަމާގުޅޭ ހުރިހާ ފަރާތްތަކާއެކު މިހާރު ދަނީ މަޝްވަރާކުރެވެމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.